ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އާ އުކުޅެއް ބޭނުންކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މި އާ އުކުޅުގައި، ސްކޭމަރުން ވިކްޓިމަށް ގުޅާ، ވިކްޓިމް ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ސްކޭމަރުގެ އެކައުންޓެއް ރިކަވާ ކުރުމަށް ވިކްޓިމްގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ކޯޑު ހިއްސާ ކުރުމަށް އިންކާރު ކުރާނަމަ ވިކްޓިމްގެ ނަންބަރަށް ރިސީވްވާ އިންޓަނޭޝަނަލް ކޯލެއްގެ ނަންބަރު ހިއްސާކުރުމަށް އެދެމުންދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް މި ނަންބަރު ހިއްސާކުރުމުން މި ނަންބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި މިކަމަށް ސަމާލުވެ، ނުދަންނަ ފަރާތްތަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް އެދިފައި ވެއެވެ.

މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާއިރު އިއްޔެ ވަނީ އޮންލައިންކޮށް މުދާ ގަތުމަށް ފައިސާ ދެއްކުމުން މުދާ ޑެލިވަރީ ނުކޮށްދޭ މައްސަލަތައް އިތުރުވާ ކަމަށް ބުނެ ފުލުހުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ސަމާލުވާން އެދެފައެވެ.

ފުލުހުން ބުނި ގޮތުގައި ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗާ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދިއުމުގެ އިތުރުން އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށް ވަނީ އެދިފައެވެ. އަދި "ހޯމް އާޓް ފަރުނީޗާ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައި ވެއެވެ.