- އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއްކަމުގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބަައްވާ ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭ ފުރަތަމަ މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި ވަހަކަ ދައްކަމުން ޑރ ޝަހީމް ވިދާޅުވީ މިޒަމާނުގައި، ކުރިމަތި ވެފައިވަ ޒަމާނީ ފިގުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެންޖެހޭކަމަށެވެ. އަދި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ޝަރުއީ ހުކުމްތައް ބަޔާންކުރުމުގައި، ފިގުހީ މުއުތަބަރު ހިލާފު ހުންނަ ކަންކަމުގައި ހިލާފުގެ އޮތް ކަމުގެ ވާހަކަ ބަޔާންކުރުން މުހިންމުކަމަށާއި ތަބައާވާންޖެހޭނީ ގުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއުއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފިގުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ހިލާފު އުފެދެން މެދުވެރިވި އިލްމީ، އިޖްތިމާއީ، އުރުފީ ސަބަބުތަށް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގު ފަހިވާނެ ކަމެއްކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހިޔާލު ތަފާތު ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިހުތިރާމް ކުރުމަކީ އިލްމުވެރިންގެ އަހުލާގުކަމުގައި މިނިސްޓަރު ފާހަގަ ކުރެެއްވިއެވެ.
ދީނީ ކަންކަމުގައި ފަތުވަ ދޭ އިރު، މީސްތަކުންގެ ހާލަތާއި އުރުފާއި ސަގަފަތާއި ޒަމާނާ މެދު ރިއާޔަތްކުރުމަކީ ފަތުވަ ދިނުމުގައި ބަލަންޖެހޭ ކަމެއްކަމަށާއި އިސްލާމީ ޝަރީއަތުގެ މަގުސަދުތަކާއި މުޖުތަމައާއި ދައުލަތުގެ އާއްމު މަސްލަހަތުތައް ހާއްސަ މަސްލަހަތުތަކުގެ މައްޗަށް އިސްކުރަންޖެހޭނެކަމެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ދީނުގެ ހުކުމްތައް ބަޔާންކުރުމުގައި އިސްލަމީ ޝަރީއަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިން އުސޫލުތަށް ނެގެހެއްޓުމަށް ޝަހީމް ގޮވައިލެއްވިއެވެ. ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔަ ޑރ. މުހައްމަދު މުއިއްޒު އިސްކަމެއް ދެއްވާކަމަށާއި ގިނަ ދުވަސްތަކަކަށް ފަތުވަ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން، ރައީސް ނިމުމަކަށް ގެންނަވައި، ގާނޫނުގައި ބުނާ ފުރިހަމަ އަދަދަށް މެންބަރުން އައްޔަންކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ވައުޒާއި އިރުޝާދައި ފަތުވަ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިޙުތިރާކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.