މަސްތުވާތަކެތި ހުރިކަމަށް ބުނެ ކަސްޓްމަސްއިން ހިފެހެއްޓި ވޭޕް އޮއިލް (ވޭޕް ފްލެވާ) ޝިޕްމަންޓާ ބެހޭ މައުލޫމާތު ހާމަކުރުމުން ދޭހަވަނީ މަސްތުވާތަކެތި ދެނެގަނެ އެތަކެތި އަތުލައިގަތުމުގެ ޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ ކަސްޓަމްސް އިން ހިފެހެއްޓި ވޭޕް އޮއިލް ޝިޕްމަންޓުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ތަފްސީލު ކޮށް އޮޅުންފިލުވައި ދެއްވާފައެވެ.
އިހްސާން ވިދާޅުވީ އެއާޕޯޓްގައި ކަސްޓަމްސް އިން އިންޓާސެޕްޓް ކުރެވޭ ސަސްޕެކްޓެޑް ޕެކޭޖް ނުވަތަ އައިޓަމްސްތައް ރެޕިޑް ޓެސްޓްކޮށް ޕޮޒިޓިވް ވާނަމަ ހިފެހެއްޓި ތަހުގީގަށް ހަވާލުކުރާ ކަމަށެވެ. އެގޮތުން މި ވޭޕް ޝިޕްމަންޓް ވެސް ޓެސްޓް ކުރެވުނު ކަމަށާއި ރެޕިޑް ޓެސްޓް ނަތީޖާއިން އެތަކެތި ކެނަބިސް އަށް ޕޮޒިޓިވްވި ކަމަށް އިހްސާން ވިދާޅުވިއެވެ.
އެހެންނަމަވެސް އާންމު އުސޫލުން މިތަކެތި ތަހުގީގަށް ފުލުހުންނާއި ހަވާލުކުރެވި ލެބޯޓަރީ ޓެސްޓް ހެދިކަން ފާހަގަ ކުރައްވާ އިހްސާން ވިދާޅުވީ އެ ޓެސްޓް އާންމުކޮށް 2 ދުވަހާއި 7 ދުވަހާ ދޭތެރޭގެ މުއްދަތެއް ނަގާ ކަމަށެވެ. އަދި އެ ޓެސްޓާއި ރެޕިޑް ޓެސްޓްގެ ނަތީޖާ ދިމާނުވެއްޖެނަމަ، އިތުރަށް ކޮންފަމެޓަރީ ޓެސްޓްތައް ހަދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ތަހުގީގަށް ނަތީޖާ ބޭނުން ކުރަނީ ކޮންފަމެޓްރީ ޓެސްޓް ހެދުމަށްފަހުގައި ޝައްކެއް ނެތް މިންވަރަށް ޔަގީންވުމުން ކަމަށް ވެސް އިހްސާން ވިދާޅުވިއެވެ. އަދި އެކި މީޑިއާތަކުން މި ޝިޕްމަންޓްގެ ވެރިފަރާތުގެ މައުލޫމާތު ހޯދަން އެދުމުން އެ ފަރާތުގެ މައުލޫމާތު އާންމު ނުކުރީ ލެބޯޓްރީ ކޮންފަމޭޝަން ނުލިބޭކަން އިހްސާން ވަނީ ފާހަގަ ކުރައްވާފައެވެ.
އިހްސާން ވިދާޅުވީ މި ޝިޕްމަންޓް ހިފެހެއްޓުނު ވާހަކަ ހިއްސާ ކުރުމަށް ނިންމެވީ 2023 ގައިވެސް މިފަދަ ވޭޕް އޮއިލް ޝިޕްމަންޓެއްގައި ކެނެބިސް ހުރިކަން ޔަގީން ކުރެވިފައި ވުމުގެ އިތުރުން މިއީ މުޖުތަމައުގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވުމުން ކަމަށެވެ. އަދި މި ޝިޕްމަންޓްގައި މަސްތުވާތަކެތި ނެތް ކަމަށް ފުލުހުން ހާމަކުރި މައުލޫމާތުން އެނގިގެން ދަނީ މި ޕްރޮސެސްގެ ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަން ކަމަށް ވެސް އިހްސާން ވަނީ ވިދާޅުވެފައެވެ.
އިހްސާން އިތުރަށް ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ރައްޔިތުންގެ ސަލާމަތްތެރިކަމާއި ރައްކާތެރި ކަމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާނީ އެ ގޮތަށް ކަމަށެވެ.