މި ސަރުކާރުން ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، އަހަރުން އަހަރަށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓްރޯލްކޮށްފައިވާކަށް ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ބުނެފިއެވެ.

ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަންވެސް އޮޅުވާލަންކަމަށާއި، އެއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެންނަންޖެހޭނެފަދަ އަމަލުތަކެއް ނޫންކަމަށެވެ.

ފާއިތުވި 3 އަހަރު އެވަރެޖްކޮށް ކޮންމެ އަހަރަކު 15 ޕަސެންޓް ދައުލަތުގެ ހަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ 2.5 ޕަސެންޓް ކަމަށެވެ. މީގެއިތުރުން ބަޖެޓު ޑެފިސިޓް ކޮންޓްރޯލްކުރެވި، މިއަހަރު ޖުމްލަ ބަޖެޓުގެ ޑެފިސިޓް 378 މިލިއަން ރުފިޔާއިން ކުޑަކުރެވި، 3.6 ޕަސެންޓް ދަށްވެފައިވާކަމަށެވެ.

ޕީއެންސީ އިން ބުނީ ނިމުނު ސަރުކާރުގައި ބޭރުގެ އެހީގައި ހިންގަން ފެށި މަޝްރޫއުތަކުގެ ހަރަދުތައް ގަވާއިދާއި އެއްގޮތަށް ރެކޯޑްނުކޮށް މިއަހަރުގެ ހރަދުތަކުގެ ތެރެއަށް އެ ހރަދުތައް ހިމެނުމުން ކުރިމަތިވި މައްސަލަތައްވެސް މި ސަރުކާރުން ހައްލުކުރަމުންދާކަމަށެވެ. އަދި ދައުލަތުގެ ހަރަދުބަރަދާ ގުޅޭ ތަފްސީލްވެސް ހިއްސާނުކުރާކަމަށް އެމްޑީޕީން ބުނާއިރު، އެއީވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބުދާރީވެފައި ނުވާކަން ފާހަގަކޮށް ޕީއެންސީއިން ބުނީ ދައުލަތުގެ ކުންފުނިތަކުން، އާރްޓީއައިއަށް ޖަވާބު ދޭންޖެހޭނެކަމަށް ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބު ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. މި ސިޔާސަތު ނިމުމަކަމަށް ގެނެސް ހާމަކަން ބޮޑުގޮތެއްގައި މައުލޫމާތު ދޭން ފެށީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައެޅި އާރްޓީއައިގެ ތެރެއިން، ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ހުރިހާ އާރްޓީއައިއަކަށް ޖަވާބުދީފައިކަމަށާއި އަދި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުންވެސް އާރްޓީއައިތަކަށް ޖަވާބުދެމުން އަންނަކަމަށެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ، ރައްޔިތުންނަށް ފެންނަންހުރި މިފަދަ ސާފު ހަގީގަތްތައް އޮޅޭގޮތަށް ދައުލަތުގެ ބަޖެޓުން ފައިސާދީގެން ހިންގާ ސިޔާސީ ޕާޓީތަކުން މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.