ކަސްޓަމްސްއިން ހިފަހެއްޓި ވޭޕް އޮއިލް (ވޭޕް ފްލެވާ) ޝިޕްމެންޓުގައި އެއްވެސް ވަރަކަށް މަސްތުވާތަކެތި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ރޭ، ވޭޕް އޮއިލް ޝިޕްމެންޓުގެ ބަދަލުގައި ހުރީ މަސްތިވާތަކެތި ކަމަށް ބުނެ ކަސްޓަމްސް އިން ވަނީ އެ ތަކެތި ހިފަހައްޓާފައެވެ. އެ މައްސަލައާއި ގުޅިގެން އެ ރޭ ހޯމްލޭންޑް މިނިސްޓަރު އިހުސާން ވެސް ވަނީ އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިސްކަން ކަށަވަރުކޮށްދީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ވޭޕް އޮއިލްގެ ކާޓްރީޖްތަކުގެ ފޮޓޯއާއެކު އިހުސާން ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށްވެސް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮއިލް ވިއްކަމުންދާ ކަމަށް ތުހުމަތު ކުރައްވާ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިއަދު ބުނީ، އެ ޝިޕްމަންޓުގައި ހުރި ތަކެތި ފުލުހުންގެ ލެބޯޓްރީން ޑްރަގަށް ޓެސްޓްކުރި އިރު އެ ތަކެތީގެ ނަތީޖާއިން އެއީ މަސްތުވާތަކެތި ނޫން ކަމަށް ދައްކާފައިވާ ކަމަށެވެ.
މުޅި މުޖްތަމައުވެސް ވޭޕްގެ ޝިކާރައަކަށް ވަމުންދާ މި ދަނޑި ވަޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވާ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. އަދި އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ރާއްޖޭގައި ވޭޕް ބޭނުންކުރުން ވެސް ވަނީ މަނާކޮށް، ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
ވޭޕްގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މާސްޓާޕްލޭނެއް އެކުލަވާލައްވާނެކަންވެސް ރައީސް ވަނީ އިއުލާން ކުރައްވާފައެވެ. އެ މާސްޓާޕްލޭންގައި ހިމެނުމަށް ރައީސް ނިންމެވި ބައެއް ކަންކަމުގެ ތެރޭގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުން ހިމެނެއެވެ.
ހެެހެހެ....މަބުނީމެއް ނޫން ތިޔަ މީހުން ދޫކޮށްލާނެޔޭ....ކުއްތާތައް ވެސް މޮޔަވީތާ.؟.ޓެސްޓް މެޝިންވެސްދޯ؟ގައުމު ގޭންގް ވީމާ އެހެންވާނެ.