2025 ވަނަ އަހަރުގެ ބަޖެޓު ސަޕޯޓަށް ބޭނުންވާ 6.7 ބިލިއަން ރުފިޔާ ބޭރު ގައުމުތަކުގެ ކޮމާޝަލް ބޭންކުތަކުން ހޯދަން ބަޖެޓުގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން ބަޖެޓަށް ބޭނުންވާ 9.4 ބިލިއަން ރުފިޔާގެ ތެރެއިން 70 ޕަސެންޓު ހޯދަން ހިމަނާފައިވަނީ ރާއްޖެ އިން ބޭރުން ހޯދާ ލޯނުންނެވެ.
ބަޖެޓު ސަޕޯޓަށް ހޯދާ ފައިސާގެ އިތުރުން އެހެން މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ ގޮތުގައި ވެސް ބޭރުން 5.1 ބިލިއަން ރުފިޔާ ހޯދުމަށް ފިނޭންސް މިނިސްޓްރީން އެކުލަވާލި ބަޖެޓުގައި ވެއެވެ. މިފަދައިން ބަޖެޓު އެކުލަވާލާފައިވާއިރު މި އަހަރު ބޭރު ގައުމުތަކުން ހޯދަން ހިމަނާފައިވާ އަދަދުގެ 90 ޕަސެންޓު ފައިސާގެ އަދަދުވެސް ސަރުކާރަށް ހޯދިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މި އަހަރު ބޭރު ފައިނޭންސިންގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ހޯދަން ފިނޭންސުން ވަނީ އަމާޒު ހިފާފައެވެ.
މީގެ އިތުރުންވެސް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައި ވަނީ އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބޭ 37.2 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 2.6 ބިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އަންނަ އަހަރު 49.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެއެވެ. އެއީ ޕީއެސްއައިޕީ އަށް 12.4 ބިލިއަން ރުފިޔާ، ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ، އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާއެވެ.
މިއީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭ ސަރުކާރުން ނިސްބަތުން އެންމެ ކުޑަ ޑެފިސިޓެއް ހުށަހެޅި އަހަރުވެސް މެއެވެ. އެގޮތުން މި އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުރިއިރު، ފާއިތުވެދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 13.4 ބިލިއަން ރުފިޔާއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ބަޖެޓް ޑެފިސިޓް ކުޑަކުރެވިގެން ދާނެ ކަމުގައި ވެސް ސަރުކާރުން ލަފާކުރެއެވެ.