އޮކްޓޫބަރު 21 ގެ ނިޔަލަށް ގަވައިދާ ހިލާފަށް އުޅުނު 4361 ބިދޭސީން ޑީޕޯޓުކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ އޮކްޓޫބަރު 21 ގެ ނިޔަލަށް 4361 ބިދޭސީން ޑީޕޯޓުކުރެވިފައިވާ ކަމަށާއި އަމާޒަކީ ނޮވެމްބަރު 17 ގެ ކުރިން 5000 ބިދޭސީން ޑީޕޯޓުކުރުން ކަމަށެވެ.

މީގެއިތުރުން ޝައްމާން ވިދާޅުވީ މިހާތަނަށް ޖުމުލަ 861 ކޭސް އިމިގްރޭޝަން ވޮޗަށް ހުށަހެޅި ކަމަށާއި އޭގެތެރެއިން 596 ކޭސް އަށް އެޓެންޑުކުރެވިފައިވާ ކަމަށެވެ.

މިވަގުތު ޑިޓެންޝަން ފެސިލިޓީގައިވެސް 135 ބިދޭސީއަކު ތިބި ކަމަށް ޝައްމާން ވަނީ ފާހަގަކުރައްވާފައެވެ. ޝައްމާން އިތުރަށް ވިދާޅުވީ މިހާތަނަށް 186 ރެއިޑެއް ހިންގުނު ކަމަށާއި މި ރެއިޑުތަކުގައި ޖުމުލަ 1237 ތަނެއް ބަލާ ފާސްކުރެވުނު ކަމަށެވެ.

އިމިގްރޭޝަން ވޮޗް ގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލައާއި ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތު ހިފެހެއްޓިގެން ދާނެކަމަށާއި އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށްވެސް ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި ޕްރެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެން އަންނައިރު، މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ.