ހުޅުމާލެ މާރުކޭޓްއް ރެއިޑްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 23 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަންއިން ބުނީ ހުޅުމާލެ ފޭސް 1ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން، މި މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުން ދިޔަ 23 ބިދޭސީން ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 8 އަންހެނުން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިރޭޝަނުން ބުނީ މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުން އަދި ފުލުހުންގެ 24 އޮފިސަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި އެކޮނޮމިކް މިނިސްޓްރީއިން ވެސް މި ރެއިޑުގައި ބައިވެރިވެފައިވާކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ހާއްސަކޮށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އިމިގްރޭޝަނުން ވަނީ އޮންލައިން ޕްލެޓްފޯމް މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ލޯންޗުކޮށްފައެވެ. މި ޕްލެޓްފޯމްއަށް މި މަހުގެ 15 ވަނަ ދުވާހާ ހަމައަށް 840 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ މިފަދައިން އުޅޭ ހުރިހާ ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނެސްދިނުމެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އުޅުމަށް ތަންތަން ކުއްޔަށްދީފައިވާ ދިވެހި ފަރާތްތަކަށްވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދު ވަނީ ވިދާޅުވެފައެވެ.