އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް" (ޔޫޕީއައި) ރާއްޖެއަށް ތައާރުފުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިފަދައިން ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު އެވެ.

އެގޮތުން، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ނިންމާ ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް މިއަދުގެ ބައްދަލުވުމުގައި ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

އެ ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއަކަށް ރައީސް ހަމަޖައްސަވާފައި ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑެވެ. މީގެ އިތުރުން ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް، އިކޮނޮމިކް މިނިސްޓްރީ އިސްކޮށް އޮންނަ ގޮތަށް ފިނޭންސް އާއި ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭ ޓީމެއް އެކުލަވައިލުމަށް ވެސް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު އެމްއޯޔޫއެއްގައި ސޮއި ކުރީ މިދިޔަ އޮގަސްޓު މަހުއެވެ. އެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

ރާއްޖެއާއި އެކު އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާ، އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް އޭރު ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގައި 2016 ވަނަ އަހަރު ތައާރަފުކުރި ޔުޕީއައި ޕޭމެންޓަކީ މޯބައިލް ފޯނު މެދުވެރިކޮށް އިންޓަ ބޭންކް މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެންޕީސީއައި އިން އުފައްދާފައިވާ ރިއަލް ޓައިމް ޕޭމަންޓް ސިސްޓަމެކެވެ. އިންޑިއާއިން ވަނީ މިދިޔަ އަހަރު މި ހިދުމަތް ސްރީލަންކާއަށް ވެސް ތައާރަފުކޮށްފައެވެ.