1998 ވަނަ އަހަރު ބޮލީވުޑްގެ ސްކްރީންތަކާ ޓީވީ ޝޯތައް ފަތަހަ ކުރި މަޝްހޫރު ލަވަ "ޗައްޔާ ޗައްޔާ" އިން އާންމުންގެ ސަމާލުކަން ހޯދި ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަލައިކާ އަރޯރާ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހެރިޓަންސް އާރަށް މޯލްޑިވްސް އަށް ޒިޔާރަތް ކޮށްފިއެވެ.

އޭނާ ރާއްޖެއަށް އައިސްފައި ވަނީ އިންޑިއާގެ ގްލޯބަލް ސްޕާ މެގަޒިންގެ ކަވާ ޝޫޓްއަކަަށެވެ. ހެރިޓަންސް އާރަށް މޯލްޑިވްސްގައި މި ޝޫޓް ކުރިއަށް ގެންގޮސްފައިވާ އިރު، ހެރިޓެންސް އާރަށް މޯލްޑިވްސް އިން ވަނީ މަލައިކާގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ.

ހެރިޓަންސް އާރަށް މޯލްޑިވްސްގައި ކުރިއަށް ދިޔަ މަލައިކާގެ ފޮޓޯ ޝޫޓްގެ ތެރެއިން

މި ވީޑިއޯގައި "ދިސް އޯ ދެޓް މޯލްޑިވްސް އެޑިޝަން" ނަމުގައި ގެނެސްދިން ސުވާލުތަކަކަށް މަލައިކާ ޖަވާބު ދީފައިވާ އިރު، ޗުއްޓީ ހޭދަކޮށްލަން އެންމެ އަންނަ ހިތްވާ މަންޒަިލާކީ ރާއްޖެ ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޔޯގާ ކުރާ ނަމަ އޭނާއަށް އެންމެ ކަމުދާ ވަގުތަކީ ހެނދުނު އިރުއަރާ ވަގުތުގައި ކަމަށާއި، ރާއްޖޭގައި ދަތުރު ފަތުރު ކުރުމަށް ސީ ޕްލޭން ތޯ ނުވަތަ ސްޕީޑު ބޯޓު ތޯ ހިޔާރުކުރާނީ އެހުމުން މަލައިކާ ވަނީ ސްޕީޑް ބޯޓު ހިޔާރު ކޮށްފައެވެ.

މީގެ އިތުރުން މާގަރީޓާއެއް ބޯލަން ޕޫލުގައި ހޭދަކޮށްލުމަށް ވުރެ ބޭނުން ވަނީ ބީޗްގައި ސަންޓޭން ވުން ކަމަށާއި، އެނދުގައި އޮވެ ހެނދުނުގެ ނާސްތާ ނެގުމަށް ވުރެ "ފްލޯޓިން ބްރެކްފަސްޓް" ކަމުދާ ކަމަށް މަލައިކާ ބުނެފައި ވެއެވެ. ރާއްޖެ ކަމުދަނީ ޗުއްޓީ ހޭދަކުރުމަށްތޯ ނުވަތަ ޝޫޓް ކުރުމަށްތޯ ކުރި ސުވާލަށް ޖަވާބުދެމުން މަލައިކާ ބުނެފައި ވަނީ ޝޫޓިންއަކަށް ފަހު ޗުއްޓީ ހޭދަކޮށްލެވެންޏާ ރާއްޖެ މީ އެއްވަނައިގެ މަންޒިލެއް ކަމަށެވެ. ދެ ކަމުން އެއް ކަމެއް ހިޔާރު ކުރާ ނަމަ އޭނާ ހިޔާރު ކުރާނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުން ކަމަށް ވެސް މަލައިކާ ބުނެއެވެ.

https://www.facebook.com/heritanceaarahmaldives/videos/929660245850994/

މި ކުއިޒްގެ ތެރެއިން މަލައިކާ ވަނީ ޗުއްޓީ ހޭދަކޮށްލަން އައިސް ހުންނަން ހިޔާރު ކުރާނީ އޯވާ ވޯޓާ ވީލާއެއް ކަމަށާއި ރާއްޖެއިން ބުއިމަކަށް އެންމެ ކަމުދަނީ ކުރުނބާ ފެން ކަމަށް ބުނެފައެވެ.

"މުންނީ ބަދުނާމު ހުއި" ފަދަ މަޝްހޫރު ލަވަތަކުން ބެލުންތެރިންގެ ހިތް އަތުލައިގެން މަލައިކާ ބުނީ އޭނާ ރަނގަޅަށް ދަންނަ މީހަކަށް ރާއްޖެދެކެ އޭނާ ވާ ލޯބި އެނގޭނެ ކަމަށާއި ރާއްޖެއަކީ މި ދުނިޔޭގައިވާ އެންމެ ރީތި ގުދުރަތީ މަންޒިލް ކަމަށެވެ. ރާއްޖެއަށް އަންނަން ލިބޭ ކޮންމެ ފުރުސަތެއްގައި އަންނާނެ ކަމަށާއި މިއީ ރާއްޖޭގެ އަމާން ހަމަހިމޭން މާހައުލަށް އޮތް ޝައުގުވެރިކަމުގެ ވާހަކަ މަލައިކާ ވަނީ ހިއްސާކޮށްފައެވެ.

https://www.facebook.com/reel/1927454061072804/

އިންޑިއާގެ ގްލޯބަލް ސްޕާ މެގަޒިންގެ ކަވާ ޝޫޓްއަކަަށް މަލައިކާ ރާއްޖެ އައިސްފައިވާ އިރު، މިދިޔަ އޮގަސްޓް މަހުގައި ވެސް މަލައިކާ ވަނީ އެ މެގަޒިންގެ ޝޫޓްއަކަށް ރާއްޖެ އައިސްފައެވެ. އެ ދަތުރުގެ ވާހަކަތައް މަލައިކާ ވަނީ އޭނާގެ އިންސްޓަގްރާމްގެ އެކައުންޓްގައި ހިއްސާކޮށްފައެވެ.