ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ތައާރަފްކުރި އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 840 މައްސަލަ ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރުމަށް ހާއްސަކޮށް އިމިގްރޭޝަނުން މި ޕްލެޓްފޯމް ލޯންޗުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަން ވޮޗްއަށް 840 މައްސަލައެއް ހުށަހަޅާފައި ވާއިރު، އޭގެތެރެއިން 596 މައްސަލައެއް އިމިގްރޭޝަނުން އެޓެންޑްވެފައިވެއެވެ. އަދި 174 މައްސަލައެއްގެ އަސްލު ދެނެގަނެވިފައި ނުވާއިރު، 70 މައްސަލައެއް ޔަގީން ކުރުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިމިގްރޭޝަނުން ބަލާފައިވާ 596 މައްސަލައިގެ ބާވަތްތައް:

  • ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމުގެ 221 މައްސަލަ
  • ވޯކް ވިސާގެ 206 މައްސަލަ
  • ހަށިވިއްކުމުގެ 50 މައްސަލަ
  • ކަޅުބާޒާރުގައި ފައިސާ ވިއްކުމުގެ 7 މައްސަލަ
  • ޓޫރިސްޓް ވިސާގެ 10 މައްސަލަ
  • އެމްޕްލޮޔާ ސްޕޮންސާއާ ހިލާފުމުގެ 9 މައްސަލަ
  • ލިޔެކިޔުންތައް އޮޅުވާލުމުގެ 2 މައްސަލަ
  • މަސްތުވާތަކެތީގެ 9 މައްސަލަ
  • ގެއްލިގެން ހޯދާ މީހުންނާ ގުޅޭ 32 މައްސަލަ
  • ބޯޑާ އިންޓެލިޖެންސްގެ 3 މައްސަލަ
  • އެހެނިހެން 40 މައްސަލައެއް

އިމިގްރޭޝަން ވޮޗް ގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލައާއި ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރިއްޔާތު ހިފެހެއްޓިގެން ދާނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށްވެސް ރިޕޯޓްކުރެވޭނެއެވެ.

މި ޕްރެލްޓްފޯމު މެދުވެރިކޮށް އާންމުންނަށް ބޮޑެތި ކުށްތައް ހުއްޓުވުމުގެ ފުރުސަތު ލިބިގެން އަންނައިރު، މި ގޮތަށް ދެވޭ ތަފްސީލީ މައުލޫމާތުގެ ސަބަބުން ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެވި މިފަދަ މައްސަލަތައް ބެލުމަށް އިތުރު ކުރިއެރުންތައް ލިބިގެން ދާނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ތެރޭގައި ހައްލު ކުރުމެވެ.