ގަވާއިދާ ހިލާފާށް އުޅެމުންދިޔަ އިތުރު 2 ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ މިދިޔަ ނޮވެމްބަރުން ފެށިގެން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އެގޮތުން ހުޅުމާލެ ފޭސް 01 ގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 03 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ މިއަދު މައުލޫމާތު ދީފައެވެ.

މާލެ ސަރަހައްދުގައި ފެށި މި އޮޕަރޭޝަން ފުޅާކޮށް އަތޮޅުތެރޭގައި ވެސް މި އޮޕަރޭޝަން ވަނީ ފަށާފައެވެ. އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވި 10 މަަސްދުވަހުގެ ތެރޭ 4،054 ބިދޭސިއަކު އެ މީހުންގެ ގައުމުތަކަށް އަނބުރާ ވަނީ ފޮނުވާލާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެކި ތަފާތު ވިޔަފާރިތައް ހިންގަމުންދިޔަ ބިދޭސީން ވެސް ހިމެނެއެވެ.

އިމިގްރޭޝަނުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ މިފަދައިން އުޅޭ ހުރިހާ ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނެސްދިނުމެވެ. އެގޮތުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އުޅުމަށް ތަންތަން ކުއްޔަށްދީފައިވާ ދިވެހި ފަރާތްތަކަށްވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދު ވަނީ ވިދާޅުވެފައެވެ.

މި ގޮތަށް އަތުލައިގަނެވޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައިވާއިރު އެކަމުގައި އެއްވެސް މީހެއްގެ މޫނަށް ނުބަލާނެ ކަމަށް ކަމާގުޅޭ އިދާރާތަކުގެ އިސް ވެރިން ވަނީ ވިދާޅުވެފަ އެވެ.