އިނގިރޭސި ގައުމީ ފުޓުބޯޅަ ފިރިހެން ޓީމުގެ ކޯޗު ކަމަށް ޗެލްސީ އަދި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ތޯމަސް ޓޫކުލް ހަމަޖައްސައިފިއެވެ.
އުމުރުން 51 އަހަރުގެ ޓޫކުލް އިނގިރޭސި ކޯޗު ކަމާ ހަވާލުވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޖާމަނީއަށް ނިސްބަތްވާ ޓޫކުލް ވެގެންދާނީ އިނގިރޭސި ގައުމީ ޓީމާ ހަވާލުވާ އެގައުމަށް ނިސްބަތްވާ ތިން ވަނަ ކޯޗަށެވެ. މީގެ ކުރިން އިޓަލީގެ ފަބިއޯ ކަޕެއްލޯ އަދި ސުވިޑަންގެ ސެވެން ގޯރަން އެރިކްސަން ވެސް ވަނީ އިނގިރޭސި ޓީމު ކޯޗުކޮށްދީފައެވެ.
މިދިޔަ ސީޒަންގައި ޖާމަނީގެ ބަޔާންގެ ކޯޗުކަން ކުރި ޓުކުލް ބުނީ އިނގިރޭސި ގައުމީ ޓީމާ ހަވާލުވުމަކީ އޭނާއަށް ލިބޭ ފަހުރެއް ކަމަށެވެ. އޭނާ ބުނީ އިނގިރޭސި ފުޓުބޯޅައާ އޭނާއާ ދެމެދު ތަފާތު ގުޅުމެއް އޮންނަ ކަމަށާ އޭނާގެ ކެރިއަކުގެ މުހިންމު ކާމިޔާބީތަކެއް އެގައުމުގައި ހޯދިފައިވާ ކަމަށެވެ.
އަދި އިނގިރޭސި ގައުމީ ޓީމުގައި މިހާރު ތިބި ފަދަ ޒުވާން އަދި ހުނަރުވެރި ކުޅުންތެރިންތަކަކާ އެކު މަސައްކަތްކޮށްލަން ލިބުމަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށް ވެސް ޓޫކުލް ބުންޏެވެ.
ޗެލްސީއާ ބަޔާންގެ އިތުރުން ޓޫކުލް ވަނީ ފްރާންސްގެ ޕީއެސްޖީ އަދި ޖާމަނީގެ ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަންވެސްކޮށްފައެވެ.
2016 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިނގިރޭސި ޓީމު ކޯޗުކޮށް ދީފައިވަނީ އެގައުމުގެ ކުރީގެ ކުޅުންތެރިޔާ ގެރެތް ސައުތްގޭޓެވެ. ސައުތްގޭޓް ވަނީ އެންމެ ފަހުން ބޭއްވި ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިނގިރޭސި ޓީމު ގެންގޮސްދީފައެވެ. އެހެން ނަމަވެސް މި ފައިނަލުން ވެސް އެޓީމު ބަލިވި އިރު މިއަހަރުގެ ޖުލައި މަހު ކުޅުނު ޔޫރޯ 2024ގެ ފައިނަލުން ސްޕެއިން އަތުން ބަލިވުމުން ސައުތްގޭޓް ވަނީ އިނގިރޭސި ކޯޗު ކަމުން އިސްތިއުފާ ދީފައެވެ.