ނުރައްކާތެރި ކެމިކަލް ރައްކާކުރާ 144 ގުދަން އަދި ކެމިކަލް ވިއްކާ 62 ފިހާރަ މާލެ ސަރަހައްދުގައި ހުރިކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ކެމިކަލް ރައްކާކުރުމުގައި ބަޔާންކުރާ ގަވާއުދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން "އޮޕަރޭޝަން ހިރާސް ފާސް 2024"ގެ ނަމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުން 15 ވަނަ ދުވަހާ ހަމައަށެވެ. މި އޮޕަރޭޝަންގައި މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންގައި 15 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން މީހުން ދިރިއުޅޭ 399 އިމާރާތެއް ބަލާފައިވާ ކަމަށް އެމްއެންޑިީއެފްއިން ބުނެއެވެ. އަދި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ގުދަނަކާއި ކެމިކަލް ވިއްކާ 62 ފިހާރައެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް އެމްޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަނެފައިވާ ކަމަށެވެ.

‏މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ވަނީ ބައިވެރިވެފައެވެ.