އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެނެފިއެވެ.

އިމިގްރޭޝަނުން ބުނީ، މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ފޭސް 1 ބިދޭސީން ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 07 ބިދޭސީން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ ތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރަން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެ މީހުން ވިޔަފާރި ހިންގާ ތަންތަން ބަލާ ފާސްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މާލެ ސަރަހައްދުގައި ފެށި މި އޮޕަރޭޝަން ފުޅާކޮށް އަތޮޅުތެރޭގައި ވެސް މި އޮޕަރޭޝަން ވަނީ ފަށާފައެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވި 10 މަަސްދުވަހުގެ ތެރޭ 4،054 ބިދޭސިއަކު އެ މީހުންގެ ގައުމުތަކަށް އަނބުރާ ވަނީ ފޮނުވާލާފައެވެ. އިމިގްރޭޝަނުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭ މިފަދައިން އުޅޭ ހުރިހާ ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެނެސްދިނުމެވެ.