ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުރަސް އަޅަމުންދާތީ އެފަދަ ގާނުނުތައް އިސްލާހު ކުރުމަށް އެމްޑީޕީގެ ކައުންސިލަރުން ގޮވާލައިފިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ބާއްވާ 'ލާމަރުކަޒީ ގުޅުން - ކައުންސިލަރުންގެ ކޮންފަރެންސް' ކޮންފަރެންސްގައި ބައިވެރިވާ އެމްޑީޕީގެ ކައުންސިލަރުން ވެފައިވާ އިގުރާރެއް އެމްޑީޕީން ވަނީ ހިއްސާކޮށްފައެވެ.

ހދ ކުޅުދުއްފުށީގައި އޮތް އެ ކޮންފަރެންސްގައި ވި އެ އިގްރާރުގައި ބުނާ ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް 19 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހުތަކާއެކު ލާމަރުކަޒީ ގާނޫނު ހިންގުމަށް ހެޔޮ ބަދަލުތަކެއް އައި ކަމަށެވެ. ނަމަވެސް މިހާރު ހންގަމުންދާ މަޖިލީހުން ގެންނަ އިސްލާހުތަކާ އެކު ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުރަސް އަޅަމުންދާ ކަމަށެވެ.

އަދި އެފަދަ ގާނޫނުތައް އިސްލާހު ކުރަމުން ދަނީ ކައުންސިލްތަކާއި، ފަންނީ މާހިރުންނާއި، ކަމާ ގުޅުން ހުރި ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާ އެއްވެސް ކަންބޮޑުވުމަކާއި އިސްލާހަކަށް ބެލުމެއް ނެތި ކަމަށް އެ އިގްރާރުގައި ބުނެފައި ވެއެވެ. އެހެންކަމުން އެފަދަ ގާނޫނުތައް އިސްލާހު ކުރުމަށް ގޮވާލައި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ އެފަދަ މަސައްކަތްތަކުގައި ބައިވެރިވުމަށް އެ ކައުންސިލަރުން އިގްރާރުވާ ކަމަށް ވެއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރަންސް ލާމަރުކަޒީ ގުޅުންގެ ތެރެއިން / ފޮޓޯ: އެމްޑީޕީ

މިއަދު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް ކުރިއަށް ދަނީ އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުންނާއި، ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު ކުޅުދުއްފުށި ސިޓީގައެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނެއެވެ.

މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެއެވެ.

ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ.