އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމާއި މަހާރާޝްތްރަ ސްޓޭޓްގެ މިނިސްޓަރުންކަން މީގެ ކުރިން ކުރައްވާފައިވާ މުސްލިމް އެމްޕީ ބާބާ ސިއްދީގީ (66އ.) އަވަހާރަ ކޮށްލައިފިއެވެ.

އޭނާ އަވަހާރަކޮށްލައިފައި ވަނީ، ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އޭނާގެ ދަރިފުޅުގެ އޮފީހަށް ވަޑައިގެން ނިކުމެވަޑައިގެންނެވި ވަގުތު ބަޑިން ހަމަލާ ދީއެވެ.

އޮފިޝަލުން ބުނާގޮތުގައި، ބަޑިޖެހި މީހުން ސިއްދީގީ ގެ ހަށިކޮޅަށް އެތއްފަހަރަކު ބަޑިޖަހާފައި ވެއެވެ.

ހަމަލާ ދިން މީހުންގެ ތެރެއިން 2 މީހަކު އަތުލައިގެންފައި ވާ އިރު ފުލުހުން ދަނީ 3 ވަނަ މީހާ ހޯދަމުންނެވެ. އަތުވި މީހުންނާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ، އެއީ މީހުން މެރުމުގައި ނަން މަޝްހޫރު ލޯރެންސް ބިސްނޯއީގެ ގޭންގަށް ނިސްބަތްވާ ބައެކެވެ. ބަޑިޖެހުމުގެ އެފަދަ މައްސަލައެއްގައި އެ ލޯރެންސް މިހާރުވެސް ހުރީ ޖަލުގައެވެ.

ސިއްދީގީ އަވަހާރަ ކޮށްލި އިރު އޭނާ ގެންދަވަނީ އަންނަ ނޮވެމްބަރުގައި އޮންނަ މަހާރާޝްތްރަ ސްޓޭޓް އިންތިހާބަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.

ގިނަ އަހަރުތަކެއް ވާންދެން ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން އުޅުއްވުމަށް ފަހު މިފަހުން އޭނާ ވަނީ، މަހާރާޝްތްރަ ކޯލިޝަން ސަރުކާރު ހިންގާ ޕާޓީތަކުގެ ތެރެއިން ނަޝަނަލިސްޓް ކޮންގްރެސް ޕާޓީ އާ ގުޅިވަޑައިގެންފައެވެ. އެ ޕާޓީ އަކީ ޝިވް ސެނާ އާއި ބީޖޭޕީ ހިމެނޭ ކޯލިޝަންގެ ޕާޓުނަރެކެވެ.

ބޮލީވްޑްގެ މަޝްހޫރު ތަރިން ކަމަށް ވާ ސަލްމާން ހާން، ޝާހްރުކް ހާން ފަދަ ގިނަ ފަންނާނުންނާ ގާތް ގުޅުމެއް އޮންނަ ސިއްދީގީ މަޝްހޫރުވެފައި ވަނީ އެ ފަދަ ފަންނާނުންނަށް އަގުބޮޑު ޕާޓީތައް ވެސް ބާއްވައިދެއްވާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ.

އޭނާ އަވަހާރަ ކޮށްލުމާއެކު، ސަލްމާންގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. ސަލްމާނަކީ ވެސް ލޯރެންސް ގޭންގުގެ ހިޓް ލިސްޓުގައި ހިމެނޭ ފަންނާނެކެވެ.