ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ 10 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންގައި 09 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން ރާއްޖޭގެ އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފާއިތުވި 10 މަަސްދުވަހުގެ ތެރޭ 4،054 ބިދޭސިއަކު އެ މީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައިވެއެވެ.