މުޅި ލާމަރުކަޒީ ނިޒާމު ފުޑާލުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހދ. ކުޅުދުއްފުށީގައި ބޭއްވި އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސޯލިހު ވިދާޅުވީ ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތާރަފްކޮށް އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދެނީ އެމްޑީޕީ އިން ކަމަށާއި ނަމަވެސް މި ސަރުކާރުން ކުރަނީ އެ ނިޒާމު ފުނޑާލުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން އެޓޯލްސް މިނިސްޓްރީ އުފައްދައިފިކަމަށާއި، ބާރުތައް ޖަމާކުރުން ފުރަތަމަ ދުވަހުން ފެށިގެން އެ ދަނީ ކުރިއަށް ކަމަށް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އިންޑިއާއާއެކު އެމްޑީޕީ ސަރުކާރުން އޮތް ގުޅުން ނުރައްކަލެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އައި ޕީއެންސީ ސަރުކާރުން މިއަދު އަމަލު ކުރަމުންދަނީ ވާހަކަދެއްކި ގޮތާ މުޅިން ހިލާފަށް ކަމަށް ބުނެ ސޯލިހު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސޯލިހު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް ކިތާބެއް ނެތި ވީ ވައުދުތަކެއް ކަން މިއަދު ހާމަވެއްޖެ ކަމަށެވެ.

ސޯލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކަކީ ގައުމުގެ ތަރައްގީއަށް ޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ އިހުސާސް މިއަދު ކުރެވޭ ކަމަށެވެ.

މިއަދު އަޅުގަނޑު ވަރަށް އުފާވާ ކަމެއް އެބަ އޮތް. އަޅުގަނޑުމެންގެ ސަރުކާރުގައި އޭރު ފެށި ކަންކަމަކީ ގައުމުގެ ތަރައްގީއަށް ޓަކައި، ރައްޔިތުންނަށް ޓަކައި، ކޮންމެހެން ކުރަން ޖެހިގެން ކުރަން ފެށި މަސައްކަތްތަކެއް ކަން. އެ އިހުސާސް މިއަދު ކުރެވޭ. އެ ކަން މި ސަރުކާރުން ވެސް ގަބޫލުކުރާ ކަން މި ފެންނަނީ
އިބްރާހިމް މުހައްމަދު ސޯލިހު

ސޯލިހު ވަނީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ވޯޓު ދިން ފަރާތްތަކުން ވެސް އެކަމާ މިއަދު ހިތާމަކުރާ ކަމަށް ވިދާޅުވެފައެވެ.

ސޯލިހު އެހެން ވިދާޅުވި އިރު އެ ވެރިކަމުގައި ރާއްޖޭގެ ދެކޮޅުގައި މާލެ ފެންވަރުގެ 2 ސިޓީ ތަރައްގީ ކުރަން ވިދާޅުވެ އެކަން ނުވެގެން، މާލެ ސަރަހައްދުން ކަނޑު ފަަޅުން ގޯތި ދޭން ވިދާޅުވެ އެންމެން މާލެ ސަރަހައްދަށް ޖަމާ ކުރާ ވިސްނުން ގެނައި އިރު އެއީ ލާމަރުކަޒީ ނިޒާމާ ދިމާ އިދިކޮޅު ވިސްނުމެއްކަން ފާހަގަ ކޮށްލެވެއެވެ.