އުމުރުން 45 އަހަރުން ދަށުގެ އަންހެނުންނަށް މަހްރަމަކާ ނުލާ އުމްރާ އަށް ނުދެވޭގޮތަށް އޮންނަ މާއްދާ، ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުން އުނިކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، 45 އަހަރުން ދަށުގެ އަންހެނުން މަހްރަމަކާ ނުލާ އުމްރާ އަށް ނުދެވޭގޮތަށް އޮންނަ މާއްދާ އުވާލަން އެންގެވީ ސައުދީ އަރަބިއްޔާގެ އުސޫލުން ވެސް އެ މާއްދާ އުވާލާފައިވާތީ ކަމަށެވެ.

އިއްޔެ އާންމުކުރި އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 22 ވަނަ މާއްދާގައިވާ ގޮތުން، އުމްރާ އަށް މީހުން ގެންދިއުމަށް ހުއްދަދީފައިވާ ކުންފުނިތަކުން 45 އަހަރުން ދަށުގެ އަންހެނުން މަހްރަމަކާ ނުލައި، އަދި 18 އަހަރުން ދަށުގެ ކުދިން ބެލެނިވެރިޔަކާ ނުލާ ނުގެންދެވޭނެއެވެ.

މަހްރަމަކާ ނުލާ އަންހެނުންނަށް ދަތުރުކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ސައޫދީގައި ފެށީ 2016 ވަނަ އަހަރުގައެވެ. އެ މަސައްކަތުގެ ތެރެއިން 14 ހާހެއްހާ އަންހެނުން ސޮއިކޮށް، އެ ގައުމުގެ ސަރުކާރަށް ޕެޓިޝަނެއް ހުށަހެޅިއެވެ. އޭގެ ފަސް އަހަރު ފަހުން، ކޮވިޑަށް ފަހު ސައޫދީން ވަނީ މަހްރަމަކާ ނުލާ ހައްޖަށާއި އުމްރާ އަށް ދެވޭ ގޮތަށް ހުޅުވާލައިފައެވެ. އެ އުސޫލު އެ ގައުމުން ދާއިމީކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

މަހްރަމުންނަކީ ފިރިމީހާ އާއި ބައްޕަ އާއި ބޭބެ ފަދަ ނަސަބުގެ ގޮތުން ކައިވެނި ކުރުން ދާއިމަށް ހަރާމް ފިރިހެނުންނާއި އެއް ކިރުގެ ގޮތުން ކައިވެނި ހަރާމް ފިރިހެނުންނެވެ.