މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސް ހިސާބުތައް އާންމުކޮށްފައިވާއިރު، އެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން ހުއްޓުވިއިރު ފުރަތަމަ ކުއާޓަރުގައި 8 މީހުން، ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން ބޯޑާ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

17 ނޮވެމްބަރ 2023 އިން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތައް ގޮތުގައި އިމިގްރޭޝަނުން އާންމުކޮށްފައިވަނީ:

  • ފޭކު ރެސިޑެންޓް ކާޑު: 1
  • ފޭކު ޕާސްޕޯޓު: 31
  • ފޯޖުކޮށްފައިވާ ޕާސްޕޯޓު: 1
  • ވުޖޫދުގައި ނެތް ގައުމެއްގެ ޕާސްޕޯޓު: 1
  • ފޭކު އައިޑީ: 2
  • ޝަހްސު އޮޅުވާލުން: 5
  • ފޭކު ސްޓޭމްޕް: 4
  • ފޭކު ވިސާ: 2
  • ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުން: 3

އިމިގްރޭޝަނުން އަންނަނީ މައުލޫމާތު އޮޅުވައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެނެގަނެ އެ މީހުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.