އެގްރި ބޯޓުގެ ހިދުމަތާއި އެކު ދަނޑުވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ވެސް އިތުރަށް ކަށަވަރުވެގެން ދާނެ ކަމަށް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖެއަށް އެގްރިބޯޓް ތައާރަފްކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އެގްރި ބޯޓް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ ތާރީހީ ކާމިޔާބެއް ކަމަށާއި އަދި މިބޯޓާއި އެކު ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަަށަވަރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެގްރި ބޯޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި ސޯލާ ޕަވާޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލީޓީތަކާއިއެކު ބަނދެފައިވާ ބޯޓެކެވެ. ލ.އަތޮޅުގެ ރަށްތަކުން މާލެއަށް ތަރުކާރީ އަދި މޭވާ ތާޒާކަމާއި އެކު ފޯރުކޮށްދިނުމުގެ ގާބިލްކަން މި ބޯޓަށް ލިބިފައިވެއެވެ.
މިމަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ދެމެހެއްޓެނިވި ގޮތުގައި މާލޭގެ ބާޒާރަށް ރައްކާތެރިކަމާއިއެކު ފޯރުކޮށްދިނުން ކަމަށް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީއިން ބުނެއެވެ.