ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އިން، އެތާނގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު ހުޅުމާލެއިން ގަތް 2 ޕެންޓްހައުސް ނުވަތަ އެޕާޓްމަންޓްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށް ދެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން އިއުލާނުކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައްސާމްގެ ދެ ޕެންޓްހައުސް ފުލުހުންނަށް ހަވާލުކުރަން ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށާއި އެއާއެކު އެ މުއްދަތު އިތުރުކޮށްދިނުމަށް ސެޕްޓެމްބަރު 29 ވަނަ ދުވަހު ބައްސާމް އެދިފައިވާކަމަށެވެ.
ފުލުހުން ބުނީ މުއްދަތު އިތުރުކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ލިބުނު ސިޓީ، ހާލަތަށް ރިއާޔަތް ކޮށް މި މަހުގެ 6 ވަނަ ދުވަހަށް އިތުރުކޮށްދިން ކަމަށެވެ. އެއާއެކު މި މަހުގެ 4 ވަނަ ދުވަހު، އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރަން ދިން މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްދިނުމަށް ބައްސާމްގެ ފަރާތުން އެދިފައިވާކަމަށާއި ނަމަވެސް ފުލުހުން އިތުރަށް ދިރާސާކޮށް ބެލި ބެލުމުން މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެެވެ.
މީގެއިތުރުން ފުލުހުން ވަނީ ދެ އެޕާޓްމެންޓު ހުސްކޮށް ހަވާލުވުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށާއި އޮކްޓޫބަރު 8 ވަނަ ދުވަހުގެ 12:00 އާ ހަމައަށް އެޕާޓްމެންޓު ހަވާލުނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން އެޕާޓްމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނީ، އަމިން އެވެނިއު އިން ދެ ފްލެޓް ގަތުމަށް ބައްސާމް އެފްއޭއެމްގެ ފަައިސާއިން 3.08 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށާއި، އެ އަދަދަށް ވާ ވަރަށް އެފްއޭއެމްގެ އެކައުންޓަށް ރުފިޔާ ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ވަނީ ބައްސާމްގެ އިތުރުން އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަންގައި އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާ އަށް ފޮނުވައިފައެވެ.
މަނީ ލޯންޑާކުރުމާއި ކޮރަޕްޝަނާއި ޖިނާއީ އިތުރު ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގެ އެންގުމަކަށް އެފްއޭއެމްގެ މައި އިދާރާ ބަލައި ފާސްކޮށް ކުރި ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.