ދެކުނު ކޮރެއާގެ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑަށް 3،382،000 ޑޮލަރު ދައްކަން ފުޓް ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެފްއޭމްއިން ވަނީ ވިލިމާލެ އަދި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާއެކު މާޗް 20، 2021ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޓީކުއިން ކޮންސްޓްރަކްޝަންއިން އެފްއޭއެމްގެ މައްޗަށް ދައުވާކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ އަދި އެފްއޭއެމްއިން އެދުނު ގޮތަށް ފައިސާ ދެއްކުމުގައި ލުއިތަކެއް ދިން ނަމަވެސް ފައިސާ ދައްކާފައިނުވާތީ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ އަދި ފައިސާ ނުލިބުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރުން ގާނޫނީ ފަންނުގެ ހިދުމަތް ހޯދުމަށް ކުރަން ޖެހުނު ހަރަދު އެކީ އެއްފަހަރާ ހޯދުމަށެވެ.

ޓީކުއިން ކޮންސްޓްރަކްޝަންއިން މަސައްކަތުގެ އަގުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ގޮތުގައި 2 އިންވޮއިސްއެއް ފޮނުވާފައި ވާއިރު، 1،197،200 ޑޮލަރު އަދި 1،940،800 ޑޮލަރު އެފްއޭއެމްއިން އެ ކުންފުންޏަށް ދައްކަންޖެހެއެެވެ. އަދި ހުޅުމާލެ ރީކޮންސްޓްރަކްޝަންގެ މަސައްކަތަށްވާ 122،000 ޑޮލަރުގެ އިތުރުން އެ ކުންފުނީގެ ރިކުއާމެންޓަށް ބަދަލު ގެނެސް ކޮށްފައިވާ މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާ އެކު އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ 3،382،000 ޑޮލަރު އެފްއޭއެމުން ދައްކަން ޖެހެ އެވެ.

އެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާތީ، ލިބުނު މާލީ ގެއްލުމުގެ ގޮތުގައި ލީގަސް ނޯޓިސް ފޮނުވި ތާރީހުން ފެށިގެން ކޮންމެ މަހަކަށް ޖުމްލަ އަގުގެ 6 ޕަސެންޓަށްވާ ފައިސާ (202،920 ޑޮލަރުގެ) މަގުން 10 މަސްދުވަހަށް 2،029،200 ޑޮލަރު ހޯދުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި ލީގަލް ފީގެ ގޮތުގައި ހަރަދު ކުރަން ޖެހުނު 500،000 ޑޮލަރު ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ޓީކުއިން ކޮންސްޓްރަކްޝަންއިން ކޮށްފައިވާ މަސައްކަތްތަކުގެ އަގަށްވާ 3،382،000 ޑޮލަރު، މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމުން ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

ޓީކުއިން ކޮންސްޓްރަކްޝަންއާ އަދި އެފްއޭއެމްގެ އެއްބަސްވުމުގައި ބަދަލު ދިނުމާ ގުޅޭ މާއްދާއެއް ބަޔާންކޮށްފައި ނުވުމާއި ލީގަސް ނޯޓިސްގައި ވެސް އެފަދަ ވާހަކައެއް ބަޔާންކޮށްފައިނުވުމުގެ އިތުރުން ޓީކުއިން ކޮންސްޓްރަކްޝަންއަށް ލިބުނު ގެއްލުން ބަޔާންކޮށްފައިނުވާތީ ސިވިލް ކޯޓުން ނިންމާފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނެގޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

މީގެއިތުރުން ލީގަލް ފީގެ ގޮތުގައި ހަރަދު ކޮށްފައިވާ 500،000 ޑޮލަރަކީ މުނާސަބު އަދަދެއްކަން ނުވަތަ ނޫންކަން އެނގޭފަދަ ތަފްސީލެއް ހުށަހަޅާފައިނުވާތީ، އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ސިވިކް ކޯޓުން ވަނީ ނިންމާފައެވެ.