ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ އިންޑިއާ އަށް ވަޑައިގަންނަވާތީ ވެރިރަށް ދިއްލީގެ މަގުތައް ދިވެހި ދިދައިން ޒޫނަތްތެރި ކޮށްފިއެވެ.

ރާއްޖެއާ އެންމެ އަވަށްޓެރި އަދި ބޭނުން ޖެހިއްޖެ ކޮންމެ ވަގުތެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެކުވެރިޔާ، އިންޑިއާއަށް ރައީސް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ 5 ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދައުލަތުގެ ގިނަ ވަޒީރުންނާއި މަތީ ފެންވަރުގެ ވަފުުދެއް ބައިވެރިވެ ވަޑައިގަތުމަށް ހަމެޖެހިފައި ވާ އިރު މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި މުހިންމު ގިނަ ދާއިރާތަކުން ފަހުމްނާމާތައް ގާއިމު ކުރާނެއެވެ.

އޭގެ ތެރޭގައި އިގްތިސާދީ ގުޅުންތައް ބަދަހި ކުރުމަށް ގާއިމު ކުރެވޭ މުހިންމު އެއްބަސްވުންތައް ހިމެނޭކަން 'ދަ ޕްރެސް' އަށް ވަނި އެނގިފައެވެ.

އަދި ރާއްޖެ އަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ކަމާއި އިންވެސްޓް ކުރުމުގެ ފަހި ފުރުސަތު އޮތްކަން އިންޑިއާގެ އިންވެސްޓަރުންނަށް ހާމަކޮށްދީ އެ މަގަށް މަޝްވަރާތައް ބައްޓަން ކުރުންވެސް މި ދަތުރުގެ އެޖެންޑާގައި ހިމެނޭކަން ވަނީ އެނގިފައެވެ.

ރައީސް އިންޑިއާ އަށް ވަޑައިގަންނަވާ އިރު، އިންޑިއާ އިން ވަނީ ރައީސް އަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރު ވެފައެވެ. އެގޮތުން ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ދެމެދު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިޔުންވެސް ހިމެނެއެވެ.

އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއަކަށް ވާއިރު، އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގައި މިހާރުވެސް ގިނަ މަޝްރުއުތަކެއް ރާއްޖޭގައި ކުރިއަށް އެބަދެއެވެ. މިވަގުތު ކުރިއަށް ދާ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ އާއި ވިލިނގިއްޔާ ދެމެދު ހަދަމުންދާ ބްރިޖް މަޝްރޫއު ކަމަށް ވާއިރު، އުމްރާނީ ތަރައްގީގެ އެކިއެކި ދާއިރާގެ މަޝްރޫއުތައްވެސް ދަނީ ހިނގަމުންނެވެ.

ލޯނު އެހީގެ އިތުރުން ހިލޭ އެހީ އާއި ބަޖެތް ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދީފައި ވާކަން ފާހަގަ ކުރެވެއެވެ.

'އިންޑިއާ އައުޓް' ގެ މައްސަލައިގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު ގުޅުން ގޯސްވެގެން ދިޔަ ނަމަވެސް، މިހާރު ވަނީ ގުޅުން އަލުން ހަރުދަނާ ކުރެވި ދެގައުމު ގުޅިގެން ކުރިއަށް ދިޔުމުގެ ރޫހުގައި އަތުގުޅާލާފައެވެ.