މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ހދ. ހިރިމަރަދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.

ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައުމަށް އެ ކުންފުންޏާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުން އެރަށަށް ވަނީ ވަޑައިގެންފައެވެ.

ހިރިމަރަދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގި ވެސް ވަނީ ބަހައްޓާފައެވެ.

އެރަށުގެ ނަރުދަމާ ނިޒާމް ގައިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެ ޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ޕަމްޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ އިން އެ އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއެއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 70 މިލިއަން ރުފިޔާއެވެ.