މިއަހަރުގެ ސެޕްޓެމްބަރު މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 371.22 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މި އަހަރުތެރޭ ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ. މިދިޔަ ޖުލައި މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި 395.43 މިލިއަން ޑޮލަރު ހުރި އިރު އޮގަސްޓްމަހު ދައުލަތުގެ ރިޒާވް ވަނީ އިތުރުވެފައެވެ. އެ ގޮތުން އޮގަސްޓް މަސް ނިމުނު އިރު ރިޒާވްގައި 443.88 މިލިއަން ޑޮލަރު ހުރި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް ސެޕްޓެމްބަރު މަސް ނިމުނު އިރު މި ވަނީ 72.66 މިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.

ވޭތުވެ ދިޔަ 11 މަހުގެ ދައުލަތުގެ ރިޒާވް:

  • ނޮވެމްބަރު: 581.17 މިލިއަން ޑޮލަރު
  • ޑިސެމްބަރު: 590.52 މިލިއަން ޑޮލަރު
  • ޖެނުއަރީ: 551.08 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 588.82 މިލިއަން ޑޮލަރު
  • މާޗް: 541.76 މިލިއަން ޑޮލަރު
  • އޭޕްރިލް: 622.07 މިލިއަން ޑޮލަރު
  • މެއި: 492.18 މިލިއަން ޑޮލަރު
  • ޖޫން: 509.21 މިލިއަން ޑޮލަރު
  • ޖުލައި: 395.43 މިލިއަން ޑޮލަރު
  • އޮގަސްޓް: 443.88 މިލިއަން ޑޮލަރު
  • ސެޕްޓެމްބަރު: 371.22 މިލިއަން ޑޮލަރު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ދައުލަތުގެ ރިޒާވް ހުރީ 581.17 މިލިއަން ޑޮލަރުގައެވެ. އެ ހިސާބުން ފެށިގެން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް އައި އިރު، ރިޒާވް މި ވަނީ ކުރިއަށް ޖެހިފައެވެ. ނަމަވެސް މެއި މަހު ވަރަށް ބޮޑަށް ރިޒާވް ދަށަށް ގޮސްފައި ވީ ނަމަވެސް ޖޫން މަހު ރިޒާވް އިތުރުވާން މި ވަނީ ފަށާފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 590.52 މިލިއަން ޑޮލަރެވެ. 2023 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ އަހަރުގެ މާޗް މަހު ނިންމާލި އިރު ރިޒާވްގައި ހުރީ 764.63 މިލިއަން ޑޮލަރެވެ. އަދި އެ އަހަރުގެ އޭޕްރީލް މަސް ނިންމާލި އިރު ރިޒާވްގައި ހުރީ 756.81 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މާޗް އޭޕްރީލް މަހާއި މިއަހަރުގެ އެ މުއްދަތާ އަލާބަލާއިރު، ރިޒާވްގައި ހުރި މިންވަރު މި ވަނީ ދަށްވެފައެވެ.

މިދިޔަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އެންމެ ބޮޑަށް ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެ މަހު ރިޒާވްގައި ހުރީ 552.25 މިލިއަން ޑޮލަރެވެ.

2022 ވަނަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.

ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައިވާ އިރު، މި ވަގުތުގައި ރާއްޖޭގެ އިގްތިސޯދު ދަށަށް ދާ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ރާއްޖޭގެ ރޭޓިން "ސީއޭއޭ1" އިން "ސީއޭއޭ2" އަށް ދަށްކޮށްފައެވެ. ހަމައެއާއެކު ފިޗްގެ ރޭޓިންގައި މިދިޔަ އޮގަސްޓް މަހުގައި ވަނީ ރާއްޖޭގެ ރޭޓިން ސީސީސީ އިން ސީސީއަށް ދަށްކޮށްފައެވެ.