އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި އޮންނަ މަސްފެންގަނޑު ހެދުމަށް ކުރި އިއުލާން ބާތިލު ކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އިގްތިސާދީ ގޮތުން މި ވަގުތު ރާއްޖެ އޮތް ހާލަތުން މިފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލު ކުރަން އަންގާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި މަސްފެންގަނޑެއް ހެދުމަށް އިއްޔެ ވަނީ އިއުލާނެއް ކޮށްފައެވެ. އެގޮތުން އެ އިއުލާނުގައި ވަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް އެ މަރުކަޒުގެ މުންނާރު ކައިރީ މަސް ފެންގަނޑެއް ހަދާދޭނެ ބަޔަކު ހޯދުމަށެވެ.

މިކަމާ ގުޅިގެން މީހުންގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޝަހީމް ވިދާޅުވީ އެ މަސްފެންގަނޑަކީ އިސްލާމީ މަރުކަޒު އިމާރާތް ކުރީއްސުރެ މުންނާރުގެ ކައިރީގައި ހަދާފައިވާ ފެންގަނޑެއް ކަމަށާއި، މިނިސްޓްރީން އިއުލާން ކުރީ އެތަން މަރާމާތު ކުރުމަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ކުރި މި އިއުލާން ބާތިލުކުރަން ނިންމާފައި ވާއިރު، މަސްފެންގަނޑު ތައްޔާރު ކުރަން ބީލަން ހުށަހެޅުމަށް ހުޅުވައިލީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.