ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން އުރީދޫ އިން ހާއްސަ ހަރަކާތްތަކެއް އިއްޔެ ހިންގައިފިއެވެ.

އުރީދޫ އިން އިސްރަށްވެހިންގެ ނާދީ އާ ގުޅިގެން ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ތިން ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ގްރޯ ވިތް އުރީދޫ / ގޯތިތެރޭގައި ގަސް އިންދުން: ސޯޝަލް ޑިވެލޮޕްމެންޓް މިނިސްޓްރީ އާ ގުޅިގެން ގަސް އިންދުމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ހަރަކާތާ ގުޅޭގޮތުން އުރީދޫ އިން ބުނީ، މި ހަރަކާތުގައި ފަސޭހަ ގޮތްގޮތަށް ގަސް އިންދުމަށް ހާއްސަ އިސްކަމެއް ދެވިފައިވާނެ ކަމަށާއި، މި ހަރަކާތުގެ ބައިވެރިން ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމަށް ދަސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި ހަރަކާތުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ދިނުމުގެ އިތުރުން ދުޅަހެޔޮކަން އިތުރުކުރުމަށް ގުދުރަތާއި ގުޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުވާލާފައިވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
  • ޑިޖިޓަލް ޕާޓްނާޝިޕް: އުރީދޫ އިން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން މުވާސަލާތުކުރެވޭނެ ގޮތް ހެދުމަށްޓަކައި ނާދީގައި ޑިޖިޓަލް ޕާޓްނާޝިޕެއް އިތުރުކޮށްފައެވެ. އޭރުން އުރީދޫގެ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
  • ނާދީ އަށް ފޮތް ހަދިޔާކުރުން: އުރީދޫ އިން ވަނީ ނާދީ އަށް ފޮތް ހަދިޔާކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އުރީދޫ އިން ބުނީ، ނާދީ އަށް ފޮތްތައް ހަދިޔާކުރުމުގެ ސަބަބުން ނާދީގައި އިސްރަށްވެހިން ހޭދަކުރާ ވަގުތުތަކުގައި އެކި ކަހަލަ މައުލޫމާތު މުއްސަނދިކުރުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން އުރީދޫ އިން މިއަހަރު ފެށި ޕްރޮގްރާމްގެ ބައެއް ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، މުޖުތަމައުގެ ބަދަހިކަން ކުރިއަރުވައި އާލާކުރުމަށްޓަކައި ހުރިހާ ދާއިރާއަކަށް އެހީތެރިކަން ދިނުމަށް މަސައްކަތްކުރަމުން ދާނެ ކަމަށެވެ.