ފޮރިން މިނިސްޓަރުކަމުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުﷲ ހަލީލް، އަވަށްޓެރި އިންޑިއާ ސަފީރު، މުނޫ މަހާވަރާ ބައްދަލު ކުަރައްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިއީ ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހަލީލް މި މަގާމާ އިއްޔެ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރުގެ ސަފީރަކާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅުގައި އިންޑިއާ އާ ގުޅުން ހީނަރުވި ނަމަވެސް އެ ގުޅުން އިއާދަކޮށް ކުރިއަށް ވުރެ ވަރުގަދަ ކުރުމަށް ދެ ގައުމުން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދިފަހުން ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވެސް ރާއްޖެ ވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ހަމައެހެންމެ އިންޑިއާއިން ކާޑުގެ ބާވަތްތަކާއި އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ބޭނުން ކުރެވޭ ބަނދަރުތަކުގެ ލިސްޓަށް އިތުރު ދެ ބަނދަރު ވެސް އެ ގައުމުން އިތުރު ކޮށްދީފައި ވެއެވެ. މީގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ދައްކަން އޮތް ލޯނު ޕޭމަންޓުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައި ވެސް ވެއެވެ.
ހަމައެފަދައިން ރާއްޖެއިން ވެސް ދަނީ ގުޅުން ރަނގަޅު ކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް މުއިއްޒު ވަޑައިގެންފައި ވާއިރު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.
އަދި މި ފެށޭ ހަފްތާގެ ތޭގައި ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުފުޅެއް ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.