އިއްޔެ ހުޅުމާލޭގައި ހިންގި މާސް އިންސްޕެކްޝަންގައި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް ނޯޓިސް ދީ، 28 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު 4:00 އިން 6:00 އަށް ގުރޫޕުތަކަށް ބަހާލައިގެން އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް 769 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ ސުވާލު ކުރެވުނު ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީން ހިމެނޭހެން 28 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިސާ ފުރިހަމަ ނޫން 165 ބިދޭސީންނަށް އިމިގްރޭޝަންއަށް ހާޒިރުވުމަށް ނޯޓިސްދީފައިވާނެ ކަމަށާއި ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ (އެމީހުންނަށް ވަޒީފާ ދީފައިވާ) 92 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ދެވުނު ނޯޓިސްއާއި އެއްގޮތަށް އަމަލު ނުކޮށްފިނަމަ މި ފަރާތްތަކާމެދު އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އިންސްޕެކްޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންގޮސް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖްތިމާއީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށް، އެމީހުންނަށް އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި ހަރަކާތާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ ހުޅުމާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތް ކުރަމުންދާ ބިދޭސީން ދެނެގަނެ، އެމީހުންނަށް ފިޔަވަޅު އަޅައި، ވަޒީފާ ދޭ ފަރާތް ޒިންމާދާރު ކުރުވުމަކީ މި އިންސްޕެކްޝަންގެ މައިގަނޑު މަގްސަދު ކަމަށެވެ. އަދި މި އިންސްޕެކްޝަނުން ހޯދޭ މައުލޫމާތުގެ އެހީގައި މި މައްސަލައާ ގުޅިގެން މިވަގުތު ހުޅުމާލޭގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް 27 ޒޯނަކަށް ބަހާލައިގެންނެވެ. މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ 200އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެފައި ވާއިރު، ކޮންޓްރޯލާ ޖެނެރަލް ޝަމްއާންގެ އަދި ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އަހްމަދު އަޝްފާން ވެސް ވަނީ މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.
އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް، އިކޮނޮމިކް މިނިސްޓްރީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެސް ވަނީ މި އިންސްޕެކްޝަންގައި ބައިވެރިވެފައެވެ.