މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން ދިޔުމާއެކު ފުލުހުން އަމަލު ކުރަން ހާއްސަ ޕޮލިސީއެއް ކަނޑައަޅައިފިއެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަންފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މީޑިއާތަކަށް ދެއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތު މީހާ މަގުމައްޗަށް ނުކުމެ ދަތުރު ކުރަން ފަށައި ފަސް މިނިޓް ހޭދަވެގެން ދާއިރު ފުލުހަކު ފެންނަން ޖެހޭނެކަމަށާއި، އެކަން ހާސިލުކުރުމަށް މިހާރު މަސައްކަތް ކުަމުން ދާ ކަމަށެވެ.

މި މަގްސަދު ހާސިލުކުރުމަށް މިހާރު ފުލުހުން ތަކެއް ޓްރޭނިން ހަދަމުން ގެންދާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެ ފުލުހުން ފްރޮންޓް ލައިންގައި ހިދުމަތް ދޭން ފެށުމާއެކު މި ކަން ދުވާލުގެ ބޮޑު ބައެއްގައި ހާސިލުވެގެން ދާނެ ކަމަށެވެ.

- މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގަ މާލެއަށް ބެލި ކަމުގައި ވިޔަސް 21 ސަރަހައްދެއްގަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ. މި މަސައްކަތްތައް މޮނިޓާ ކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި މިހާރު ވަނީ ހުޅުވާފަ
ކޮމިޝަނާ އޮފް ޕޮލިސް

ސީނިއާ ފުލުހަކު މި ސެންޓަރުގަ 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެކަމަށާއި މުޅި މާލޭގެ ސީސީޓީވީ ނިޒާމް މި ތަނުން ކޮންޓްރޯލްކޮށް މޮނިޓާ ކުރަމުން ގެންދާނެ ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވުމާއެކު އެކިއެކި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މަގުތަކުގެ ފޯރިމަރަން ފުލުހުން ހަރަކާތްތެރިވުމުންދާ މިންވަރު އިތުރުކުރުމުގެ އިތުރުން ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.