ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ޝަހްސު އޮޅުވާލައިގެން ރާއްޖެ އެރެތެރެވާން އުޅުނު 3 ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ ތިން މީހުން ވެސް ހިފަހައްޓާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން އުޅެނިކޮށް ކަމަށާއި އެއީ ތިން ފިރިހެނުން ކަމަށެވެ. އެ ގޮތުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހިފެހެއްޓި މީހާ އަކީ 25 އަހަރުގެ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އޮގަސްޓް މަހުގެ ތެރޭގައި އެފަދަ ދެމީހަކު އަތުލައިގެންފައިވާ އިރު، އޮގަސްޓް މަހުގެ 16 ވަނަ އަތުލައިގަތީ 23 އަހަރުގެ ފިރިހެނެއް ކަމަށާއި އޮގަސްޓް 18 ވަނަ ދުވަހު އަތުލައިގަތީ 21 އަހަރުގެ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ނަމަވެސް މި މީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަން އިމިގްރޭޝަނުން ހާމައެއް ނުކުރެއެެވެ.
ވަގު ޕާސްޕޯޓުގައި އަދި ޝަހްސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ހުއްޓުވުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނަ އިރު މި ދިޔަ ޖުލައި މަހުގެ ކުރީކޮޅުވެސް އެފަދަ ހަތަރު މީހަކު ވަނީ ހުއްޓުވާފައެވެ. އެ ފަހަރު ހިފަހައްޓާފައި ވަނީ ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅުނު އުމުރުން 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މިއީވެސް ހަތަރު ފިރިހެނުންނެވެ.