ހުޅުމާލެ ފޭސް 1 ގައި ހިންގަމުން ދިޔަ 6 ކެފޭއެއް ބަލާ ފާސްކޮށް 16 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެއްސިއެވެ.

އިމިގްރޭޝަނުން ބުނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ފޭސް 1 ގައި ހިންގަމުން ދިޔަ 6 ކެފޭއެއް ބަލާ ފާސްކުރި ކަމަށެވެ. އަދި ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިއަ 3 ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ވަނީ މިފަދަ ރެއިޑުތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރަން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެ މީހުން ވިޔަފާރި ހިންގާ ތަންތަން ބަލާ ފާސްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މާލެ ސަރަހައްދުގައި ފެށި މި އޮޕަރޭޝަން ފުޅާކޮށް އަތޮޅުތެރޭގައި ވެސް މި އޮޕަރޭޝަން ވަނީ ފަށާފައެވެ.

މި މަސައްކަތުގެ ތެރެއިން ފާއިތުވި 10 މަސް ދުވަހުގެ ތެރޭ 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް ވެސް ވަނީ ފާހަގަވެފައެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށް އެފަދަ މީހުންނާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.