ފުލުހުންގެ ސައްހަނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓު، ތައްޔިބު ޝަހީމް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން ވަނީ އޭނާގެ ފޯނާއި އިލެކްޓްރޯނިކްސް ވެސް ހިފަހައްޓާފައެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވެއެވެ.

ތައްޔިބަކީ އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓަކަށްވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ހައްޔަރުކޮށް ޖަލަށްލާފައެވެ.

އަދި މިހާރުގެ ސަރުކާރަށްވެސް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންދާއިރު މި ސަރުކާރުގައި އޭނާ ސްޓެލްކޯގެ މަގާމަކަށް އައްޔަން ކުރުމަށްފަހު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.