މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީ ކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގެ މަގްސަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ހިދުމަތްތައް އެފްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކޯޕަރޭޝަނަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަަމަށް ބުނެއެވެ.

ހުޅުމާލޭގައި ބިނާކުރާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާވެސް ވަނީ މި މަހުގެ 14 ވަނަ ދުވަހު އަޅާފައެވެ. ނުވަ ފްލޯއަށް އިމާރާތް ކުރަން ހަމަޖެހިފައިވާ އެ އިމާރާތް އަޅަނީ އަމިން އެވެނިއު ކުރިމަތީގައި އޮންނަ 5،000 އަކަފޫޓުގެ ބިމެއްގައެވެ.

މިއީ 79.1 މިލިއަން ރުފިޔާއަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުގެ ފަރާތުން މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަސައްކަތް މެޑްޓެކް މޯލްޑިވްސްއާ ހަވާލުކުރީ ދޮޅު އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. މާލޭގައި މިހާރު ހިންގަމުން އަންނަ ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާރު ހިންގަނީ އަމިއްލަ މީހެއްގެ އިމާރާތެއްގައެވެ.