އދ ގެ 79 ވަނަ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ޔޫއެސްއެއިޑުން ދީފިއެވެ.

ރޭ އދ ގެ 79 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އަމާޒަކީ 2040 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުން ކަމަށެވެ. އެގޮތުން ގައުމުގެ އުފެއްދުންތެރިކަމަށް އިތުރުކުރުމަށް އިންވެސްޓްކޮށް ޓެކްނޮލޮޖީގެ ތަރައްގީ ގެނެސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން 2030 ވަނަ އަހަރުގެ ކުރިން އުފެއްދުންތެރިކަމުގެ ނިސްބަތުގެ (ޖީޑީޕީ) 15 ޕަސެންޓް ހާސިލްކުރުމަކީ ވެސް އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ރައީސާއި ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އާ ދެމެދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އޯޕަން ގަވަމަންޓް ޕާޓްނާޝިޕް (އޯޕީޖީ)ގެ މެމްބަރުކަން ހޯދުމަކީ ރައީސްގެ ތަރައްގީގެ ތަސައްވަރަށް ވާގިވެރިވެދޭ ކަންކަމަށް ވާނެކަން ފާހަގަކުރައްވައި، އެ ދާއިރާއިން ހުރި ފުރުސަތުތަކާ މެދު މަޝްވަރާކުރައްވާފައިފައެވެ.

މީގެ އިތުރުން ޕޭޕަލްގެ ހިދުމަތްތައް ރާއްޖޭގައި ބޭނުންކުރުވޭނެ ގޮތް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަމަންތާ ވަނީ ރާއްޖެއިން ހުށަހެޅި ކަންކަމުގައި ޔޫއެސްއެއިޑުން ބައިވެރިވެ، މަސައްކަތްކުރަން ތައްޔާރުކަން ހާމަކުރައްވައިފައެވެ.

ހަމަ އެހެންމެ އެކި ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވައި، އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވާފައިވެއެވެ.