އިއްޔެ މާލޭގެ މަފާންނުގައި ހުރި ދެ ގެއެއް ބަަލއި ފާސްކޮށް ގަވައިދާ ހިލާފަށް އުޅޭ ދެ ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ބުނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ކުރަމުންދާ މަސައްކަތުގައި، އިއްޔެ ވެސް ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހުން އަތުލައިގެންފައި ވަނީ މާލޭގެ މާފަންނަށް ނިސްބަތްވާ ދެ ގެއެއް ބަަލައި ފާސްކުރުމަށް ފަހުގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިއަހަރު މެދުތެރޭގައެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ޑީޕޯޓްކޮށްލާފައެވެ.
މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް އައީ ފެންނަމުންނެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ގިނަ އަދަދެއްގެ ގޭސް އުނދުނާއި ގޭސްފުޅި ބަހައްޓައިގެން ކައްކައި، ކާބޯތަކެތި އުފައްދާ އެތައް ބަޔަކު ވަނީ ފެނިފައެވެ. ހަމައެއާއެކު މި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ފެނިފައިވެއެވެ. އަދި އެމީހުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އެގޮތުން މި ސަރުކާރުގެ ފާއިތުވީ 10 މަސް ދުވަހުގެ ތަފާސްހިސާބަށް ބާލާއިރު، ޖުމްލަ 4،054 ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓް ކޮށްލާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައެވެ.
އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު 202 ބިދޭސީން ޑީޕޯޓުކޮށްލާފައިވާ އިރު ޖެނުއަރީ މަހު 237، ފެބްރުއަރީ މަހު 309، މާޗް މަހު 332، އޭޕްރިލް މަހު 240، މެއި މަހު 377، ޖޫން މަހު 690، ޖުލައި މަހު 461 މީހުން ވަނީ ޑީޕޯޓުކޮށްލާފައެވެ. މީގެ އިތުރުން އޮގަސްޓް މަހު 453 އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ޑީޕޯޓުކޮށްލާފައި ވެއެވެ
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކޯށްލުމަކީ އިމިގްރޭޝަންގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް ކުރަމުންދާ ކަން ހާމަވެގެންދާ ކަމެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީން ވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.