ކ. ކާށިދޫގައި މީގެ 12 އަހަރު ކުރިން ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލައިގައި މެރުމަށް ހުކުމްކުރި މުހައްމަދު ސަމާހު، ސުވާސާގެ / ކ. ކާށިދޫ ގެ މައްޗަށް ކުރި ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.
ޖުލައި 23، 2012 ގައި އާދަމް ހަލީމް މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުން 2013 ގައި ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މެރުމަށް ހުކުމް ކުރިއެވެ. ސަމާހުގެ ފަރާތުން 2020 ވަނަ އަހަރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.
ފަހުން ސުޕްރީމް ކޯޓުގައި ވެސް އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވެއެވެ.
ޝަރީއަތުގައި ސަމާހު އޭރު ބުނީ ކުށަށް އެއްބަސްވީ ފުލުހުން ބިރު ދެއްކުމުން ކަމަށެވެ. ސަމާހު އިތުރަށް ބުނީ އާދަމް ހަލީމަށް ބިރު ދައްކަން ވަޅިއެއް ހިފައިގެން ދިޔައީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ އެކަން ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ސަމާހު ކުށަށް އެއްބަސްވީ މަޖުބޫރު ކަމެއް އޮވެގެން ކަމަށް ބުނާ ބުނުމަށް ބަލަން ޖެހޭ ކަމަށާއި، ތަހްގީހުގައި ފުލުހުން އަމަލުކުރި ގޮތަށް ބެލިދާނެ ކަމަށެވެ. ސަމާހު ހަނުހުރުމުގެ ހައްގު ބޭނުންކޮށް ވަކީލެއްގެ އެހީއަކަށް އެދިފައިވާ ކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ސަމާހު ކުއްލިއަކަށް އެ ހައްގުތައް ދޫކޮށްލީ ފުލުހުންގެ އިރުޝާދަކަށް ކަން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި ހާލަތުގައި ސަމާހުގެ ބަހަށް ބުރަދަން ދީ އޭނާގެ އިއުތިރާފު ބަލައިގަނެވޭނީ އެއަށް ބާރުދޭ އިތުރު ހެކި ހުރުމުން ކަމަށާއި، އިއުތިރާފަށް ބަލައި މައްސަލަ ނިންމުމުން އިތުރު ހެކި ހުރި ވަރު ވަޒަން ކުރެވިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އެ ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ވެސް ތާއީދު ކުރައްވައި އިއްތިފާގުން ހުކުމް ކުރެއްވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް އަލުން ފަށައި، ސަމާހަށް އަނިޔާކުރިކަން އެނގޭނެ ކަމަށް ބުނާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމަށާއި، އޭނާގެ އިއުތިރާފަށް ބާރުދޭ ހެކިތައް ހުރިކަމަށް ދައުލަތުން ބުނާތީ އެ ހެކިތައް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދިނުމަށެވެ.
މި ގައުމުގެ އަދުލު އިންސާފުއޮތީ "ޕެރަލަްއިސް" ވެފަ ، ވީމާ ދެން ކަންތައް ތައް ދާނެގޮތް އަންދާސާ ކޮށްލައްވާ....