ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓު މަޝްރޫއުގެ 63 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހު އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ. ހައުސިން މިނިސްޓްރީން ބުނީ ގަމުގައި 100 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާގެ އަގަށް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން 98 ޔުނިޓު ހިޔާކޮށް ނިމިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެތެރެއިން 64 ޔުނިޓެއްގައި ސިމެންތިޖަހައި 12 ޔުނިޓެއްގެ އެތެރެ އަދި ބޭރު ސީލިންގުކޮށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު 50 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު 48 ޔުނިޓެއްގެ ކަރަންޓު ވައިރިންކޮށް އެއްކޮށް ނިމިފައިވާކަމަށް ހައުސިން މިސްޓްރީން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. އެ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ. މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއުމުކުރާނެ ކަމަށެވެ.