ގދ. ތިނަދޫގައި ސަރުކާރުން އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓު މަސައްކަތުގެ 47 ޕަސެންޓް ނިމިފައި ވާކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ތިނަދޫގައި އިމާރާތް ކުރަމުންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

އެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޑިޒައިނިން އެންޑް ބިޑް އެސޫލުން ކުރިއަށްގެންދާ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅަން ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއާ ހަވާލުކޮށްފައިވަނީ 540 މިލިއަން ރުފިޔާގެ އަގަކަށެވެ.

މި ހައުސިން ޔުނިޓުތައް އަޅަން ހަމަޖެހިފައިވަނީ 700 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާގެ ރޯހައުސްތަކެއްގެ ގޮތުގައެވެ. ތިން ކޮޓަރިއާއި، ތިން ފާހަނާ، ސިޓިން ރޫމް، ކާގެ އާއި ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ކޮންމެ ރޯ ހައުސެއްގައި ހުންނާނެއެވެ.

މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއުމުކުރާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ބޭރު ފެންނާނެހެން ބެލްކަންޏެއް ވެސް ހުންނާނެކަމަށް ވަނީ ބުނެފައެވެ.