ރާއްޖޭގައި ހިންގާ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން އިމާމުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިމާމުންނަށް އަމާޒުކޮށްގެން ބޭއްވި ފުރަތަމަ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އްޖޭގައި ހިންގާ ސޯޝަލް ހައުސިން ސްކީމްތަކުގެ ތެރެއިން އިމާމުންނަށް ފުރުސަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރީއްޔާއަށް ހުށަހަޅުއްވާނެކަމަށެވެ. އަދި މި ފުރުސަތު ތޮޅު ތެރޭގައި ހިންގާ ހައުސިން ސްކީމްތަކާއި މާލެ ސަރަހައްދުގައި ހިންގާ ސްކީމްތަކުންވެސް ހޯދައިދޭން މަސައްކަތްކުރާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވިފައިވާ އިސްލާމީ މަރުކަޒުތަކަށް ދެ އިމާމުން ހަމަޖައްސަވާނެކަމަށެވެ. އަދި އޭގެ ތެރެއިން އިމާމަކު ބަންގި ދިނުމަށް ހާއްސަކުރާއިރު، އިސްލާމީ މަރުކަޒުގެ މައި އިމާމަކީ ޑިގްރީ ފެންވަރުގެ އިމާމެއްގެ ގޮތުގައި ހަމަޖައްސަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިސްލާމީ މަރުކަޒުތައް ހުންނަ ސަރަހައްދުތަކަށް އެ މިނިސްޓްރީގެ މަންދޫބުން ހަމަޖައްސަވާނެކަމަށެވެ.

އެކި ބަލިތައް ތަހައްމަލް ކުރަމުންދާ އިމާމުން ތިބިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ އެފަރާތްތަކަށް، އިމާމުންނަށް ދެވޭ އިންޝުއަރެންސް ސްކީމުގައި އިސްކަމެއް ދީގެން އިންޝުއަރެންސް ދިނުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިމާމުންގެ މަޖިލީހެއް އެކުލަވައި އެ މަޖިލީހުގެ ފަރާތުން މިނިސްޓްރީއަށް ލަފާއަރުވާ ގޮތަށް ހަމަޖައްސަން ނިންމާފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.