އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބަލާ ފާސްކޮށް، އަނެއްކާވެސް ބިދޭސީންތަކެއް އަތުލައިގަނެފިއެވެ.
އިމިގްރޭޝަންގެ ޓާސްކްފޯސް އަށް ލިބުނު މި މިއުލޫމާތާއި ގުޅިގެން ބަލާ ފާސްކޮށްފައި ވަނީ ހ.ކަޅުހުރާގެއެވެ. އިމިގްރޭޝަނުން ބުނީ މިތަނަކީވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ތޮއްޖެހިގެން ބިދޭސީން ދިއިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ކަމަށެވެ.
އަދި އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 09 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 06 ބިދޭސީއަކު ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތި ދީފައެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރުމަށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ފާސްކުރަން ފެށީ މިއަހަރު މެދުތެރޭގައެވެ. އެއާއެކު ގިނަ ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ޑީޕޯޓްކޮށްލާފައެވެ.
މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް އައީ ފެންނަމުންނެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކުރަން ފަށާފައެވެ.
މި މަސައްކަތުގެ ތެރެއިން ކުދިކުދި ތަންތަންކޮޅުގައި ގިނަ އަދަދެއްގެ ގޭސް އުނދުނާއި ގޭސްފުޅި ބަހައްޓައިގެން ކައްކައި، ކާބޯތަކެތި އުފައްދާ އެތައް ބަޔަކު ވަނީ ފެނިފައެވެ. ހަމައެއާއެކު މި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނަ އިރު، ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީން ފެނިފައިވެއެވެ.
އަދި ހަމައެހެންމެ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.