މާލޭ ސަރަހައްދުގައި ހިންގަމުންދާ ސެލޫންތަކާއި ސްޕާތަކެއް ބަލައިފާސްކޮށް 7 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައެވެ.

އެގޮތުން މި އިންސްޕެކްޝަންގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ 7 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަންއިން ބުނީ އެ މީހުންނަށް ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް ނޯޓިސް ވެސް ދީފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވެފައިވާކަން އިމިގްރޭޝަނުން ފާހަގަ ކުރެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އެހީވާ މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ވަނީ ވިދާޅުވެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ހިންގަމުން ދާއިރު، މިހާތަނަށް 3000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ޑީޕޯޓުކޮށްލާފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގައި ކެފޭ ރެސްޓޯރެންޓްތަކާއި ސްޕާތަކުގެ އިތުރުން މުޑުދާރުކޮށް ބިދޭސީން ހިންގަމުންދާ ކާބޯތަކެތި އުފައްދާ ފެކްޓްރީތައްވެސް އިމިގްރޭޝަނުން އަންނަނީ ބަލައި ފާސްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.