ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރި އިބްރާހިމް ނާއިފް ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފިއެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނާއިފް އައްޔަންކޮށްފައިވާކަން ފާހަގަކޮށް، އެކްސްގައި ކުރި ޕޯސްޓެއްގައި ވެމްކޯއިން ވަނީ ނާއިފްއަށް މަރުހަބާ ކިޔާފައެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ނާއިފް ވަކިކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ނާއިފް އެ މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމަކޮށްފައެއް ނުވެއެވެ.

ނާއިފް މަގާމުން ވަކި ކުރުމަށްފަހު، ފެނައިކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އެވެ.

ނާއިފްގެ އިތުރުން ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރު އަދި ޑިރެކްޓަރު އަހްމަދު އީހާބު ވެސް އޮގަސްޓް މަހުގެ ތެރޭގައި މަގާމުން ވަކިކޮށްފައެވެ.