ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހަތަރު ބިދޭސީން އަތިލައިގަނެފައި ވަނީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ސިލްސިލާކޮށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިންނެވެ.

އިމިގްރޭޝަނުން ބުނީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އެގޮތުން އެތަނުގައި ގަވާއިދާ ހިލާފަށް ތިބި 04 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ފަށާފައި ވާއިރު، މި މަހުގެ 12 ވަނަ ދުވަހުވެސް އިިގްރޭޝަނުން ވަނީ މަލޭގެ 5 ގެއެއް ބަަލައި ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެންފައެވެ. އަދި އިއްޔެ ވެސް ވަނީ އެފަދަ 5 ގެއެއް ބަލައި 3 ބިދޭސީއަކު އަތުލައިގަނެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ދަނީ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

އަދި ހަމައެހެންމެ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.