އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 12 ވަނަ ދުވަހު މާލޭގެ 5 ގެއެއް ބަލާ ފާސްކޮށް 5 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ހުރިހާ ތަންތަން ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވަނީ ބިދޭސީ މަސައްކަތްތެރިން ގެންނަ ފަރާތްތަކުން އެ މީހުން ބައިތިއްބާ ތަންތަނަކީ އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަން ކަން ކަށްވަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ދަނީ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނިމިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަށް 3،322 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ މި މުއްދަތުގެ ތެރޭ 257 ތަނެއް ރެއިޑު ކުރެވިފައިވާކަމަށެވެ.

ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.