ބިދޭސީ މަސައްކަތްތެރިން ގެންނަ ފަރާތްތަކުން އެ މީހުން ބައިތިއްބާ ތަންތަނަކީ އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ތަންތަން ކަން ކަށްވަރު ކުރުމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު އިލްތިމާސް ކުރައްވައިފިއެވެ.

ޝައްމާން ވިދާޅުވީ، ރާއްޖެއަށް އެކިއެކި މަސައްކަތް ކުުރުމަށް ގެންނަ ބިދޭސީންގެ ކެއުމާއި ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ފަރާތްތައް ރާއްޖެއަށް ގެންނަ އެމްޕްލޮޔަރުގެ ޒިންމާއެއް ކަމަށެވެ.

މަސައްކަތްތެރިން ބައިތިއްބާނީ އާންމު ސަލާމަތަށް ނުރައްކާ ނުވާނެ ފަދަ ތަންތަނުގައި ކަން ކަށަވަރު ކުރުމަށް އެމްޕްލޮޔަރުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިފަދަ ތަންތާނުގައި ކެއްކުން ފަދަ ކަންކަން ކުރާއިރު، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަން ކަށަވަރު ކުރުމަށް ވެސް ވަީ އިލްތިމާސް ކުރައްވާފައެވެ

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ވަނީ މާލޭގެ 8 ގެއެއް ބަލައިފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެތެރެއިން ބައެއް ތަންތަނުގެ ފޮޓޯ އިމިގްރޭޝަނުން ހިއްސާ ކޮށްފައިވާ އިރު، އެއް ތަނެއްގައި އެއްތަނުން ކައްކާ 6 އުންދުނެއް ބަހައްޓާފައިވާ މަންޒަރު ވެސް ފެންނަން ހުއްޓެވެ. ބަލާ ބެލުމުގައި އެތަނުގެ ސާފުތާހިރުކަން ކުޑަކަން ވެސް ފާހަގަ ކުރެވެއެވެ.