ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ރައީސް ޑރ މުހައްމަދު މުއިއްޒު، އުވައިލައްވައިފިއެވެ.

އެމަނިކުފާނު މި އޮތޯރިޓީ އުވާލައްވާފައިވާކަން އިއުލާންކުރެއްވީ އިއްޔެ ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް މި އޮތޯރިޓީ އުވާލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއިން ކުރަމުންއައި މަސައްކަތްތައް، ހައުސިން މިނިސްޓްރީއިން ކުރަމުންދާގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

މިގޮތަށް ހަމަޖެއްސެވީ، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން މިހާރަށްވުރެ ހަރަދު ކުޑަ ގޮތެއްގައި އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ނިންމާފައި ވާއިރު، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމުގެ އިތުރުން އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ހަފްލާތައް ނުބޭއްވުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.