ބުޅާ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރްފަތު ހޮސައިން ފުރުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ އަރްފަތު ހޮސައިން ޑިޓެންޝަންގައި ބަހައްޓައިގެން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށާއި، އޭނާ ފުރުވާލުމަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށެވެ. ނަމަވެސް އަރްފަތު ފުރުވާލާނެ ވަކި ތާރީހެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ބުޅާ މަހުން ކާތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުގައި އަރްފަތު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސް ވަދެ ހުއްޓައެވެ.

އަރްފަތު ހޮސައިން ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކުރާ މައްސަލަ ފެންމަތިވެފައި ވަނީ މީސްމީޑީއާގައެވެ. އެގޮތުން ފެލިން ވެލްފެއާ އޯގަނައިޒޭޝަން ނަމުގައި 'އެކްސް' ގައި ހަދާފައިވާ އެކައުންޓަކުން އެމީހާގެ ވަނަވަރު އާންމުކޮށް، އަރްފަތަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް ކަމާއި، އޭނާ އަންނަނީ ބުޅާ މަސް އަޅައިގެން ކާބޯތަކެތި އުފައްދަމުން ކަން ހާމަކޮށްފައިވެއެވެ.

އަރްފަތު ކާބޯތަކެތި ތައްޔާރުކޮށް ވިއްކި ފިހާރަތަކުގެ ތަފްސީލު ހާމަކުރުމަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ގޮވާލާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ އިދާރާއިން ގުޅިގެން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފާ ހައްޔަރު ކުރަމުންނެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 257 ތަނެއް ރެއިޑުކޮށް 3،322 ބިދޭސީން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ. މި މައްސައްކަތުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުންދާ ފަރާތްތަކުގެ އިތުރުން މުޑުދާރު ކޮށް ކާތަކެތި ހަދާ ފެކްޓްރީތައް ހިންގަމުންދިޔަ މީހުންވެސް ހިމެނެއެވެ.